ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް 11 އޯގަސްޓް 2024 އިން ފެށިގެން އަލުން ބޭނުންކުރަން ފަށަން ނިންމައިފިއެވެ.
ވިނަރެސް ފްލެޓުގެ އެކްސެސް ކޮންޓްރޯލަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ފަހު، އަންނަ ހަފުތާގައި އެ ބޭނުންކުރަން ފަށަން ނިންމައިފިއެވެ.
އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ގާއިމު ކޮށްފައިވާ އެއްޗަކަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމަކީ އެޗްޑީސީން ބުނިގޮތުގައި، އެ ހިދުމަތް ބޭނުންކުރާ އެންމެންގެ ހައްގަށް އުނިކަން ލިބޭނެ ކަމެކެވެ.
އެހެންވެ، އެ ތަކެއްޗަށް ގެއްލުންދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށް، ޓެގު ޖަހައިގެން ވަދެވޭ ގޮތް ހެދީ މިދިޔަ ޖޫން ފަހުކޮޅުގަ އެވެ. އެކަމަކު، ތިން ދުވަސް ފަހުން އެ ސިސްޓަމަށް ގެއްލުން ދިނުމުން ވަގުތީ ގޮތުން ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
ވިނަރެސްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އެޅި މި ފިޔަވަޅުގެ ދަށުން ކޮންމެ ފްލެޓަކަށް ވެސް ދޫކޮށްފައިވަނީ ފަސް އަންލޮކް ޓެގެވެ.
މިދިޔަ ޖޫން މަހު މި ސިސްޓަމް ބޭނުންކުރަން ފެށި އިރުވެސް މި ސިސްޓަމް ބޭނުންކުރާ އިމާރާތުގެ ބައެއް ދޮރުތަމުގައި މައްސަލަހުރިކަން ފާހަގަކުރެވެއެވެ. މިމަހު 11 ގައި އަލުން މި ސިސްޓަމް ބޭނުންކުރަން ފަށަން ނިންމާފައިވާ އިރު އަދި މިމައްސަލަތައް ހައްލުކުރެވިފައެއް ނުވެއެވެ.