ހުޅުމާލޭގެ ވިނަރެސް ފުލެޓުގެ ޢާންމު ސަރަޙައްދުތަކުގައި ބެހެއްޓިފައިވާތަކެތި ނަގަން އެޗްޑީސީ އިން އަންގައިފިއެވެ. އެޗްޑީސީ އިން މިހެން އެންގީ އެޗްޑީސީއިން ނެރުނު އިއުލާނެއްގައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރެވިފައިވާ ވިނަރެސް ޓަވަރުތަކުގައ، ވަކިވަކި ޔުނިޓްތަކުން ހިފާގެންގުޅޭ ތަކެތި (ގަސްމުށި، ފައިވާން، ބޫޓު، ފަރުނީޗަރު އަދި މިނޫންވެސް މިފަދަ ހިފާގެންގުޅޭ ތަކެތި) އަދި ކުނީގެ ބާވަތްތައް ޔުނިޓުން ބޭރު ޢާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ޢިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި، ޢިމާރާތުގެ ޢާންމު ބައިތައް ސާފުކުރުމާއި އަދި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީއަށް ދަތިތަކާއި ކުރިމަތިވަމުންދެއެވެ.
ވިނަރެސް އަކީ ވަކިވަކި ޔުނިޓްތަކެއްގައި ތަފާތު ގޭބިސީތަކެއް ދިރިއުޅެމުންދާ ޢިމާރާތެއްކަމުން އެއްފުލެޓުން ކުރާ ކަމެއްގެ ސަބަބުން އަވަށްޓެރި ފުލެޓަށް އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޢިމާރާތުގެ ޢާއްމު ބައިތައް ހަމަހަމަ އުޞޫލެއްގެ ދަށުން ބޭނުންކުރެވުމަކީ ޢިމާރާތުގައި ހިތްގައިމު އަދި ރައްކާތެރި މާހައުލެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި އެހެންކަމުން، ޢިމާރާތުގެ ޢާންމު ބައިތަކާއި ވަޞީލަތްތައް ބޭނުންކުރުމާއި ގުޅޭގޮތުން ޝާއިޢުކުރެވިފައިވާ ”ވިނަރެސް މަޝްރޫޢުގެ އެއްމެދު ޢިމާރާތްތަކުގެ ޢާންމު ތަންތަނާއި ވަޞީލަތްތައް ބޭނުންކުރުމާ ބެހޭ އުޞޫލު“ އާއި އެއްގޮތައް ވިނަރެސް ޢިމާރާތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ޢަމަލު ކުރުމަށް އެޗްޑީސީ އިން އިލްތިމާސްރެއެވެ. އަދި ވިނަރެސް ގައި ރަނގަޅު ފެންވަރެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރުމުންދާ މަސައްކަތްތަކަށް ލިބެމުންދާ އެއްބާރުލުމަށް އެކޯޕަރޭޝަނުން ޝުކުރު އަދާކުރެއެވެ.
ވީމާ، ވިނަރެސް ފުލެޓްތަކުގެ ޢާންމު ސަރަޙައްދުތަކުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ބަހައްޓާފައި ހުރިނަމަ 9 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ ކުރިން އެތަކެތި ނެންގެވުމަށް އެކޯޕަރޭޝަނުން އެދެއެވެ. އަދި މިތާރީޚުގެ ފަހުން ވިނަރެސް ފުލެޓުތަކުގެ ޢާންމު ތަންތަނުގައި ބަހައްޓާފައި ހުރި ތަކެއްޗާއިމެދު ޙަވާލާދެވުނު އުޞޫލުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށްފައި ވެއެވެ.