ވިނަރެސްގެ ދޮރުތަކަށް ގެއްލުން ދިނުމުގެ ސަބަބުން އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީގޮތުން ބޭނުން ކުރުން މެދު ކަނޑާލައިފި

ވިނަރެސް ޓަވަރު ތަކުގައި ގާއިމުކޮށްފައިވާ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރުން މިއަދުގެ މެންދުރުފަހު ވަގުތީގޮތުން ހުއްޓާލައިފިއެވެ. އެޗްޑީސީ އިން ބުނެފައިވާގޮތުން މި ސިސްޓަމް ބޭނުންކުރުން ހުއްޓާލީ ވިނަރެސް ޓަވަރުތަކަށް ވަންނަން ހުރި ދޮރުތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދިނުމުގެ ސަބަބުންނެވެ. އަދި ހަމަ އެއާއެކު މިމައްސަލަ ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާއިމުކުރެވިފައިވާ މިފަދަ ސިސްޓަމް ތަކަށް ގެއްލުން ނުދިނުމަށް އެޗްޑީސީ އިން އެދެއެވެ.

އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާގޮތުން 6 ވަނަ ޓަވަރުގެ އޭ ބްލޮކްގެ މައިދޮރު ވަނީ އިއްޔެގެ ވަގުތެއްގައި ގެއްލުންދީ ހަލާކުކޮށްލާފައެވެ. އަދި މީގެ އިތުރުން އެތައް ޓަވަރެއްގެ އެތެރެއިން ވަންނަ ދޮރުތަށްވަނީ ހަލާކުވެފައެވެ. ބައެއް ދޮރުތައް މި ސިސްޓަމް އެކްޓިވޭޓް ކުރުމުގެ ކުރިންވެސް ހަލާކުވެފައި ނުވަތަ ބޭނުން ނުކުރެވޭކަން ފާހަގަ ކުރެއެވެ. މި ޓަވަރު ތަކުގައި ގާއިމުކުރެވިފައިވާ މި ސިސްޓަމް ތަކަކީ މިތާގައި ދިރިއުޅުމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިއްމު ސިސްޓަމްތަކެކެވެ.

އަދި ހަމަ އެއާއެކު އެއްޓަވަރުގެ ދޮރަކަށް ގެއްލުން ދިނުމުގެ ސަބަބުން މުޅި ވިނަރެސްގައި ހިމެނޭ ހުރިހާ ޓަވަރެއްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުން ހުއްޓާލުމަކީވެސް އެންމެ ރަނގަޅުގޮތް ނޫން ކަމުގައި މިތާ ދިރިއުޅެމުންދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މަދު ބައެއްގެ އަމަލުތަކުގެ ސަބަބުން އޭގެ ގެއްލުން ވިނަރެސް ގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ލިބުމަކީ ވަރަށްވެސް ދެރަކަމެކެވެ. ވީމާ ކުރިއަށް އޮތްތާގައި އެއްވެސް ފަރާތަކުން އެގޮތަށް ކަންތައް ނުކުރުމަށް އެދެމެވެ.

އިތުރު ލިޔުންތައް