ސަމާލުވޭ! ވިނަރެސް ފްލެޓް ދެނީކަމަށް ބުނެ ބޮޑު ސްކޭމެއް ހިންގަނީ

ވިނަރެސް ފްލެޓް ދެނީކަމަށް ބުނެ ބޮޑު ސްކޭމެއް ހިންގަމުން އަންނާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ‏ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލާފައިވާކަމަށް ބުނެ މެސެޖްތަކެއް ދައުރުކުރަން ފަށާފައިވާކަމަށެވެ. އަދު އެކަމުގެއިތުރު މަޢުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ މި މެސެޖްތައް ފޮނުވަމުންދަނީ ލިންކެއްވެސް ހިމަނައިގެންކަމަށް ފުލުުހުން ބުނެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެޗްޑީސީގެ ނަމުގައި ލިންކެއް ހިމެނޭގޮތަށް ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫންކަމަށެވެ. އެހެންކަމުން އެ ލިންކުތަކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ފޭރިގަތުމަށް އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ޖަލުތަކުން ކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި އެކަން ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް ޖަލުތަކުގައި ގާއިމު ކުރާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޖަލަށް ވަގަށް މޮބައިލް ފޯނު ވެއްދުން ހުއްޓުވުމަށް މިދިޔަ ހަފްތާގައި ޖަލުތަކުގައިވަނީ ދެ މެޓަލް ޑިޓެކްޓަރު ބަހައްޓާ ޗެކްކުރަން ފަށާފައެވެ.

އިތުރު ލިޔުންތައް