މިހާރުވެސް ”ވިނަރެސް ކޮމިއުނިޓީ“ގެ ނަމުގައި ޖަމްޢިއްޔާ އެއް ރަޖިސްޓްރީކުރެވިފައި އެބައޮތެވެ. މި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރިތާ މިހާރު 6 މަސް ވަނީއެވެ.
ސުވާލަކީ ވިނަރެސްގެ ދިރިއުޅޭ ފަރާތްތަކަށް އެއްވެސް ކަމެއް މި ޖަމްއިއްޔާއިން ކޮށްދީފައިވޭހެއްޔެވެ؟ ނުވަތަ ވިނަރެސްގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ހައްގުގައި އެއްވެސް ކަމެއް ކުރަން މަސައްކަތެއް ކުރޭ ހެއްޔެވެ؟ ޖަވާބަކީ އެކަހަލަ އެއްވެސް ކަމެއް ކުރާތަނެއް އަދި ކުރަން އުޅޭތަނެއް އަދި ނުފެނެއެވެ.
”ވިނަރެސް ކޮމިއުނިޓީ އެންޖީއޯ“ ޖަމްޢިއްޔާގެ ވައިބަރ ކޮމިއުނިޓީ ބަލާލުމުންވެސް އެއްވެސް ހަރަކާތެއް ހިންގާތަނެއް ނުވަތަ ހިންގަން އުޅޭ ތަނެއް ނުފެނެއެވެ. ކޮމިއުނިޓީ ތެރޭގައި ބޮޑަށް އޮންނަނީ އިސްތިހާރުކުރުމާއި އެކަހަލަ ތަފާތު ޕޯސްޓްތައް ލުމެވެ. އެކްޓިވް އެޑްމިން އެއް މި ކޮމިއުނިޓީއަކު ނެތެވެ. ސްކޭމް ޕޯސްޓްތައްވެސް އެތައް ގަޑިއިރެއް ވަންދެން ޑިލީޓް ނުކުރެވި ހުރެއެވެ. މިހާ ސްކޭމް ގިނަ ދުވަސްވަރެއްގައި މި ވައިބަރ ކޮމިއުނިޓީގެ ސަބަބުން ކޮމިއުނިޓީއަށް ލިބޭ ފައިދާއަށްވުރެން ގެއްލުން ބޮޑުވުން ވެސް އެކަށީގެންވެއެވެ.
ކަން މިހެން ހުރުމާއެކު ދެން އުފެދުނީ ”ވިނަރެސް ކޮމިއުނިޓީ“ގެ ނަމުގައި އެހެން ވައިބަރ ކޮމިއުނިޓީއެކެވެ. މި ކޮމިއުނިޓީ ވަރަށް އެކްޓިވް ކަން ފާހަގަ ކުރެވެއެވެ. މި ކޮމިއުނިޓީގެ އެޑްމިން ވަރަށް އެކްޓިވް އެވެ. ތަފާތު ބޭނުންތެރި މައުލޫމާތު ޕޯސްޓް ކުރެއެވެ. އަދި ކޮމިއުނިޓީގައި ޕޯސްޓް ކުރުމުގެ ގަވާއިދުތަކަކާއި އުސޫލުތަކެއް ހެދިފައިވެއެވެ. އެއާ ހިލާފުވާ ޕޯސްޓްތައް ވަގުތުން ޑިލީޓް ކުރެވެއެވެ. ކޮންމެ ބްލޮކެއްގެ ކޮންމެ ޓަވަރަކުން ރެޕުން ތިބެއެވެ.
ދެން ދުވަސްކޮޅަކަށްފަހު މި ކޮމިއުނިޓީ ތެރޭގައި މުޅިން އާ ޖަމިއްޔާއެއް ”ވިނަރެސް ޑިވެލޮޕްމަންޓް ސޮސައިޓީ“ ގެ ނަމުގައި ހަދާ ވާހަކަ އިއުލާން ކުރެވިގެން ދިޔައެވެ. ވަރަށް ޑީޓެއިލް ޓައިމްލައިން އެއް ހާމަކުރިއެވެ. މި ޓައިމްލައިން ގައި އޮތްގޮތުން 15 ވަރަކަށް ދުވަސް ތެރޭގައި މި ޖަމްއިއްޔާގެ ހިންގާ ގަވާއިދާއި ރަޖިސްޓްރީކުރުމަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކޮށް ރަޖިސްޓްރިވެގެން ދާނެއެވެ.
މިހާރު އޭގެ ފަހުން 3 މަސް ވަނީއެވެ. މި ހަދަން އުޅުނު އާ ޖަމްއިއްޔާ ހަަބަރެއް ނެތެވެ. މި ޖަމްއިއްޔާ އުފެއްދުމަށްޓަކައި އުޅުނުފަރާތްތަކުގެ ހިލަމެއްނެތެވެ. މިހެން އުޅެފައި ދެން ފެނުނީ ވައިބަރ ކޮމިއުނިޓީގައި މިކަމާއި ގުޅިގެން ސުވާލުކުރެވުމުން ތިމަންނާ މިހާރު ޖަމިއްޔާ އުފެއްދުމުގައި ނޫޅޭ ވާހަކަ ބުނިތަނެވެ. އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ ކުރީގެ ޖަމްޢިއްޔާ އާއި މި އުފައްދަން އުޅޭ ޖަމްއިއްޔާ އާއި ތަފާތުވާނެ ކަމަށެވެ. މިޖަމްޢިއްޔާ މާ ހިންގުންތެރިވެފައި ކޮމިއުނިޓީ އަށް ފައިދާހުރި ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. ވިނަރެސްގައި ދިރިއުޅޭ ފަރާތްތަށް ތަމްސީލުކުރެވި ދެފުށް ފެންނަ ގޮތަކަށް ހިންގާނެ ޖަމްއިއްޔާއަކަށް ވާނެކަމަށެވެ. އެހެން ނަމަވެސް މި ޖަމްއިއްޔާ ރަޖިސްޓަރީ ވުމާ ހިސާބަށްވެސް ނުގޮސް ހުވަފެންތައް ނިމުމަކަށް އައީއެވެ.
އަޅުގަނޑުމެން އުންމީދުކުރަނީ ވިހާވެސް އަވަހަކަށް ވިނަރެސް ފުލެޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ތަމްސީލުކުރާ އަދި އަޅުގަނޑުމެންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އަޅުގަނޑުމެންގެ ތެރެއިން ވިހާވެސް އަވަހަށް ވުޖޫދަށް އައުމެވެ.
– – – – – – – – – – – – – – – –
ނޯޓް: މިއީ ކިޔުންތެރިއެއްގެ އަމިއްލަ ހިޔާލެވެ. މި ބައިގައި ކޮންމެ ބޭފުޅަކަށްވެސް ލިޔުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.