ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމަށް ވީ ކިހިނެތް؟

އޮގަސްޓް މަހު 7 ވަނަ ދުވަހު ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށާނެކަމަށް އެޗްޑީސީއިން އިއުލާން ކުރިއެވެ. އަދި މި ހަބަރު ދިވެހިރާއްޖޭގެ މީޑިއާތަކުން ވެސް ގެނެސްދިނެވެ. ވިނަރެސްގައި ދިރިއުޅޭ މީހުން ތިބީ ވަރަށް އުފަލުންނެވެ. އެޗްޑީސީ އިން މިކަން އިއުލާންކުރި ސޯޝަލް މީޑިއާ ޕޯސްޓްގައި ވަނީ ރައްޔިތުންނަށް އޮޅޭގޮތަށް ”ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށައިފި“ ކަމަށެވެ. އެކަމަކު މިއީ އެއްގޮތަކަށްވެސް ހަގީގަތެއް ނޫނެވެ. އިއުލާން ކިޔާލީމާ އޭގައި އޮންނަނީ އޮގަސްޓް 11 ގައި މި ސިސްޓަމް ބޭނުންކުރާނެ ވާހަކައެވެ.

”ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށައިފި

އެޗްޑީސީ އިން މިއިއުލާން ކުރިތާ މިހާރު 1 މަހަށްވުރެން ގިނަ ދުވަސްވީއެވެ. މި ސިސްޓަމް ވިނަރެސްގެ އެއްވެސް ޓަވަރެއްގައި ބޭނުންކުރަމުންނެއް ނުދެއެވެ. އަދި މިކަމާއި ބެހޭގޮތުން އެއްވެސް އަޕްޑޭޓެއް ދީފައެއް ނުވެއެވެ. މި ސިސްޓަމް ބޭނުންކުރުން ލަސްވަނީ ކީއްވެގެން ކަމެއް ބުނެދެވިފައެއް ނެތެވެ.

އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުން ކުރަން ފަށާނެކަމަށް އިއުލާންކުރި އިރު، ކުރިން ދިމާވި މައްސަލަތައް ހައްލުކުރުމަށްޓަކައި އަދި އަދަށް ދާންދެންވެސް އިތުރުކަމެއް ކޮށްފައި ހުރިކަމަކަށް ފާހަގައެއް ނުކުރެވެއެވެ. މި ސިސްޓަމް ބޭނުންކުރާ ބައެއް ދޮރުތައް އަދިވެސް ނުލެއްޕެއެވެ. ލައްޕައިފިއްޔާ ނުހުޅުވެއެވެ. ބައެއް ދޮރުތައް ތާށި ވާތީ ބޭނުން ނުކުރެެވެއެވެ.

ޖޫން މަހު އަލަށް މި ސިސްޓަމް ބޭނުންކުރަން ފެށި އިރުވެސް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވިއެވެ. އޭގެ ތެރޭގައި ތިރީގައި މިވާ މައްސަލަތައް ހިމެނެއެވެ.

  • ސިސްޓަމް ބޭނުންކުރަން ފެށުނު އިރު ގިނަ ބަޔަކު އެކްސެސް ޓެގާއި ހަވާލުވެފައި ނެތުން.
  • ބައެއް ފުލެޓްތަކުގައި 6 މީހުންނަށްވުރެން ގިނައިން ދިރިއުޅޭ އިރު ކޮންމެ ފްލެޓަކަށް ދޫކުރެވިފައިވަނީ އެންމެ 5 ޓެގު.
  • ދޮރުތައް ހުޅުވާ ލެއްޕުން އުނދަގޫވުން. ހާއްސަކޮށް ފަސްޓް ފްލޯގެ ދޮރުތައް ބަރު ކަން ފާހަގަ ކުރެވޭ.
  • ފަސްޓް ފްލޯގެ ދޮރުތައް ހަނިކަމުން ވަދެނިކުތުމަށް އުނދަގޫވުން. ހާއްސަކޮށް ދަބަހެއް ނުވަތަ ކޮތަޅެއް އެއްޗެއް ހިފައިގެން ވަދެނިކުންނަން އުނދަގޫވުން.
  • ސިސްޓަމް ބޭނުންކުރަން ފެށުނު އިރު މިސިސްޓަމް ބޭނުންކުރަން ފުލެޓްތަކުގައި ދިރިއުޅޭ މީހުން އަހުލުވެރިފައި ނެތުން.
  • ސިސްޓަމް ބޭނުންކުރަން ފެށުނު އިރު އަލަށް މިސިސްޓަމް ބޭނުންކުރާ މީހަކަށް މިސިސްޓަމް ބޭނުންކުރާނެގޮތް ކިޔާދޭނެ މީހަކު ނެތުން.
  • ދޮރުގަތަކުގައި ދޮރު ހުޅުވަން ޖެހޭ ފަރާތް ލިޔެވިފައި ނެތުން (ދޮރު ހުޅުވަން ޖެހެނީ އެތެރެއަށް ކަމެއް ނުވަތަ ބޭރަށް ކަމެއް ނޭނގުން).
  • ބައެއް އެޕާޓްމަންޓްތަކުގައި މިހާރުވެސް ކްލިނިކް ތަކާއި ޓިއުޝަން ސެންޓަރު ފަދަ ވިޔަފާރި އެބަ ހިންގައެވެ. މީގެ ސަބަބުން ވިނަރެސްގައި ދިރިނޫޅޭ އެތައް ބަޔަކު ކޮންމެ ދުވަހަކު ވަދެ ނިކުމެ ހަދަންޖެހެއެވެ. މިފަދަ ތަންތަނުގެ އެކްސެސް ކޮންޓްރޯލް ކުރާނެގޮތެއް އަދި ސާފުވެފައެއް ނެތެވެ.

މިއަދު ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެކަށީގެންވާ ވަރަށް ސެކިއުރިޓީ ބަލަހައްޓާ ސްޓާފުންނެއް ނެތެވެ. ވިނަރެސް ޓަވަރުތަކަށް ވަދެ ނިކުންނަނީ ކޮންބައެއް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް މެއިންޓަނެންސް ފީ އޭ ކިޔާފައި ކޮންމެ މަހަކު 1000 ރުފިޔާ ވިނަރެސް ފްލެޓްތަކުން ނަގައެވެ. ހަމައެކަނި މެއިންޓަނެންސް ފީގެ ގޮތުގައި މަހަކު 1 މިލިއަނަށްވުރެން ގިނައިން އެޗްޑީސީ އިން ފައިސާ ނަގައެވެ. މި ފައިސާ ނުދައްކައިފި ނަމަ ނުވަތަ ދެއްކުން ލަސްވެއްޖެ ނަމަ ޖޫރިމަނާވެސް ކުރެއެވެ. އެކަމަކު މިތާ ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަންވެސް އެޗްޑީސީއަކަށް ކޮށް ނުދެވެއެވެ.

އަޅުގަނޑު ”މައިވިނަރެސް“ އަށް މި ވާހަކަތައް މިފޮނުވަނީ މި ވާހަކަތައް ޖާހާދޭނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. ސަބަބަކީ ”މައިވިނަރެސް“ އަކީވެސް ހަމަ އެޗްޑީސީ އާއި ގުޅިގެން ހިންގާ އެޗްޑީސީގެ ޕްރޮޕެގެންޑާ ފަތުރާ ސައިޓަކަށް ވެދާނެތީއެވެ. އަޅުނގަނޑުގެ އުންމީދަކީ ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ވީހާވެސް އަވަހަކަށް ވިނަރެސްގައި ބޭނުންކުރަން ފެށުމެވެ. އަލަށް ސިސްޓަމެއް ބޭނުންކުރާއިރު އުނދަގޫތަކަކާއި ދަތިތަކެއް ހުންނާނެކަން ހުރިހާ ފަރާތްތަކަކުންވެސް ގަބޫލުރަންވާނެއެވެ. އަދި މިބުނެވުނު މައްސަލަތައް ހައްލުކުރުމަށްޓަކައި އެޗްޑީސީ އާއި ވިނަރެސްގައި ދިރިއުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމެވެ. މި ސިސްޓަމް ކާމިޔާބުވެއްޖެ ނަމަ އޭގެ ހުރިހާ ފައިދާއެއް ކުރާނީ ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކަށެވެ.

– – – – – – – – – – – – – – – –

ނޯޓް: މިއީ ކިޔުންތެރިއެއްގެ އަމިއްލަ ހިޔާލެވެ. މި ބައިގައި ކޮންމެ ބޭފުޅަކަށްވެސް ލިޔުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.

އިތުރު ލިޔުންތައް
އެކްސެސް ކޮންޓްރޯލް, އެކްސެސް ޓެގް, ސެކިއުރިޓީ

ގުޅުންހުރި އިތުރު ލިޔުންތައް