ލިފްޓު ބޭނުން ކުރުމުގައި ސަމާލުވާންވީ ކަންކަން

ވިނަރެސް ފުލެޓްތަކުގައި މިހާރު ދަނީ އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންނެވެ. މި އިމާރާތްތަކުގެ ލިފްޓުތައް ދަނީ އެތައްބަޔަކު އިމާރާތުގެ މައްޗަށް އެރުމަށާއި ތިރިއަށް ފޭބުމަށް ބޭނުންކުރަމުންނެވެ. ލިފްޓް ބޭނުން ކުރާއިރު އެކަކު އަނެކަކަށް އިހްތިރާމްކޮށް އުނދަގޫނުވާނޭގޮތަކަށް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ވިނަރެސް ފުލެޓްތަކުގައި ރައްކާތެރި އަދި ހިތްގައިމު މާހައުލެއް އުފެއްދުމަށްޓަކައި ވިނަރެސް ޓަވަރުތަކުގައި ލިފްޓް ރަނގަޅަށް ބޭނުންކުރާނެގޮތް ބުނެދިނުމަށްޓަކައި ލިޔެފައިވާ ލިޔުމެކެވެ.

  1. ލިފްޓް އަންނަންދެން މަޑުކުރުން:

  • މައްޗަށް ދާން ބޭނުންނަމަ މައްޗަށް ދާ ބަޓަންއަށް އެއްފަހަރު ފިތާލާށެވެ. އަދި ތިރިއަށް ދާނަމަ ތިރިއަށް ދާ ބަޓަން އަށް އެއްފަހަރު ފިތާލާށެވެ. ގިނަފަހަރު ފިތިޔަސް ވަކި އަވަހަކަށް ލިފްޓް ނާންނާނެއެވެ.
  • ލިފްޓްގެ ދޮރުމަތި ބަންދުވާގޮތަށް ނުތިބޭށެވެ. ލިފްޓަށް އެރުމުގެ ކުރިން ލިފްޓުން ނިކުންނަ މީހުންނަށް ނިކުންނަން ފުރުސަތު ދޭށެވެ.
  • ލިފްޓު ގައި ޖާގަ ނެތްނަމަ ދެން އަންނަ ލިފްޓަކަށް ކެތްތެރިކަމާއި އެކު މަޑުކޮށްލާށެވެ. މާގިނަ މީހުން އެއްފަހަރާ ނާރާށެވެ.
  1. ލިފްޓަށް އެރުން:

  • ފުރަތަމަ ލިފްޓުން ނިކުންނަ މީހުންނަށް ނިކުންނަށް ފުރުސަތުދޭށެވެ. ނިކުންނަ މީހުން ނިކުތީމައި ލިފްޓަށް އަރާށެވެ.
  • ލިފްޓް އައުމުން ލަސްނުކޮށް އަވަހަށް ލިފްޓަށް އަރާށެވެ. އަދި ލިފްޓްގެ ދޮރު ބަންދުވާނެގޮތަށް ނުތިބޭށެވެ.
  • އެހެން މީހަކު އަރަންދެން ލިފްޓްގެ ދޮރު ހޯލްޑްކޮށްލަން ބޭނުންނަމަ ”ހޯލްޑް“ ބަޓަން އަށް ނޫނީ ހުޅުވާ ބަޓަން އަށް ފިތާލާށެވެ. އަދި ލިފްޓްގެ ދޮރު ހިފެހެއްޓުމަށްޓަކައި ތިމާގެ އަތް ނުވަތަ އެހެން އެއްޗެއް ބޭނުން ނުކުރާށެވެ. މާގިނައިރު ލިފްޓް މަޑުކުރަވައިފިނަމަ ލިފްޓް ބޭނުންކުރާ އެހެން މީހުންނަށް އުނދަގޫވާނެކަން ހަނދާންކުރާށެވެ.
  1. ލިފްޓަށް އެރުމަށްފަހު:

  • ދާން ބޭނުންވާ ފްލޯގެ ނަންބަރަ އަށް ފިތާލާށެވެ. ދާންބޭނުންވާ ފުލޯގެ ބަޓަންއަށް އެހެން މީހަކު ފިތާލާފަ އިން ނަމަ އަލުން އެބަޓަނަށް ފިތާލާކަށް ނުޖެހޭނެއެވެ. އަދި ޑަބަލްކޮށް (2 ފަހަރު އަވަސް އަވަހަށް) ބަޓަން އަށް ފިތާލާއިފިނަމަ ދާން ބޭނުންވާ ފުލޯ ކެންސަލް ވާނެއެވެ.
  • ލިފްޓަށް އެރުމަށްފަހު ލިފްޓްގެ އެންމެ އެތެރޭގައި މަޑުކޮށްލާށެވެ. އެއީ އިތުރު ބަޔަކު އަރަން ބޭނުންނަމަ އަރަން ފުރުސަތު ދިނުމަށެވެ.
  • ލިފްޓްތެރޭގައި ތިބޭއިރު އެކަކު އަނެކަކު ގައިގަ ނުޖެހި އުނދަގުނުވާނޭވަރަށް ޖާގަބަހައްޓާށެވެ.
  • ލިފްޓްތެރޭގައި ވާހަކަދައްކަން ޖެހުނަސް މަޑުން ރީތިކޮށް އެހެން މީހުންނަށް އުނދަގޫނުވާނޭހެން ވާހަކަދައްކާށެވެ.
  • ކުޑަކުދިން ގުވައިގެން ލިފްޓަށް އަރާނަމަ ވީހާވެސް ބެލެނިވެރިޔާއާއި ކައިރީގައި އެކުދިން ބަހައްޓާށެވެ. އަދި އެކުދިން ލިފްޓުގެ ބަޓަންތަކާ ބޭނުމެއްނެތް ގޮތުގައި ކުޅުނަ ނުދޭށެވެ.
  1. ލިފްޓުން ނިކުތުން:

  • ތިމާ ދާން ބޭނުންވާ ފުލޯ އާއި ކައިރިވުމުން ދޮރުކައިރިއަށް ޖެހިލުމަށްފަހުން ނިކުންނަން ތައްޔާރުވާށެވެ.
  • އެންމެ ފުރަތަމަ، ދޮރާއި އެންމެ ކައިރީގައި ތިބި މީހުންނަށް ނިކުންނަން ފުރުސަތުދޭށެވެ.
  1. ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން:

  • ލިފްޓު ހުއްޓި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އިމަޖެންސީ ބަޓަންއަށް ނުވަތަ އިންޓަރކޮމް ބަޓަން އަށް ފިތާލާށެވެ. އަދި ހާސްނުވެ ހަމަޖެހިލައިގެން މަޑުކުރާށެވެ.
  • އެފަދަ ހާލަތެއް ދިމާވެގެން އަމިއްލައަށް ދޮރު ނުހުޅުވުނަސް ގަދަކަމުން ދޮރު ހުޅުވަން މަސައްކަތް ނުކުރާށެވެ. އެހީ އަންނަންދެން މަޑުކުރާށެވެ.
  • ލިފްޓަށް އެރޭވަރަށްވުރެން ގިނަމީހުން އެއްފަހަރާ ނާރާށެވެ. އަދި ލިފްޓުގެ މެކްސިމަމް ވެއިޓް ލިމިޓަށްވުރެން ބަރުކޮށް މީހުން ނުވަތަ ތަކެތި ނާރުވާށެވެ.
  1. އަދަބު އަހުލާގު:

  • އަބަދުވެސް ސާފުތާހިރުކޮށް ލިފްޓް ބަހައްޓާށެވެ. ލިފްޓްތެރެއަށް ކުނި ނާޅާށެވެ.
  • ލިފްޓްތެރޭގައި އެކަކުއަނެކަށް އުނދަގޫނުވާނޭގޮތަށް ކަންކަން ބަހައްޓާށެވެ.
  • ލިފްޓުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ފާހަގަވާނަމަ ލިފްޓް ބަލަހައްޓާފަރާތަށް ނުވަތަ އިމާރާތް ބަލަހައްޓާ ފަރާތަށް އަވަހަށް އަންގާށެވެ.

ލިފްޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން

އިތުރު ލިޔުންތައް