ވިނަރެސް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ވިނަރެސް ސަރަހައްދުގައި ކާރެއް ކޮންޓްރޯލުން ނައްޓާލައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ވިނަރެސް 5 ވަނަ ޓަވަރު ކައިރިން ކާރެއް ކޮންޓްރޯލުން ނައްޓާލައިގެން އައިސް މަގު އެއްފަރާތުގައި މަޑުކޮށްގެންހުރި ސައިކަލެއްގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގެ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުން ސައިކަލުގައި މަޑުކޮށްގެން އިން މީހާ އެތަށް ފޫޓެއް ދުރަށް ވިއްސައިގެންދެއެވެ. އަރިމަތީގައި އިންދާފައި ހުރި ގަސްވެސް ބިންދައިގެން ދެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެކަމަކު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

އެ އެކްސިޑެންޓް ހިނގުމާ އެކު، ކާރު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި އެ ވަގުތު ތިބި މީހުންނެވެ. ކާރު ދުއްވި މީހާ ފިލިޔަސް އެ އެކްސިޑެންޓް ހިނގި ވިނަރެސް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ އަދަދެއްގެ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.

ސޯޝަލްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ރަތް ކުލަ އާއި ކަޅުކުލައިގެ ސްޕޯޓްސް ކާރު ބާރު ސްޕީޑުގައި ދުއްވާފައި އައިސް ގޯޅި އެޅިއިރު ވެސް ކޮންޓްރޯލް ވަނީ ގެއްލިފަ އެވެ. އެ ކާރުން ޖެހުނުއިރު، އެ މީހާ ދުއްވާފައި އައިސް ސައިކަލް މަޑުކޮށްލައި ރަނގަޅަށް ހަމަޖެހިނުލެވެ އެވެ.

އެ އެކްސިޑެންޓުގައި ކާރުގެ ފަހަތާއި ކުރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފޭސް 2 ގައި ނުރައްކާތެރިކޮށް ބާރަށް ވެހިކަލް ދުއްވުމަކީ ވަރަށް އާއްމު ކަމެކެވެ. މިގޮތަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެއެވެ. މިފަދަ ނުރައްކާތެރި އެކްސިޑންޓްތައް މަދުކުރުމަށްޓަކައި މި ސަރަހައްދުގެ މަގުތަކުގައި ސްޕީޑް ބެރޭކަރސް ހަރުކުރުން ވަރަށް މުހިންމެވެ.

މިގޮތަށް ގަވާއިދާއި ހިލާފަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ ސަބަބުން އަނިޔާ އާއި ގެއްލުން ގިނަފަހަރު ވަނީ އެއްވެސް ކުށެއް ނެތް މީހުންނަށެވެ.